ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެ ބޭންކުން މިއަދު ކުރި އިއުލާނުގައިވާބުނީ އެ ބޭންކްގެ ސީއީއޯގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މަގާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، އަދި ސީނިއާ މެނޭޖްމެންޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަމައެއާއެކު ބޭންކިން ނުވަތަ ފައިނޭންސިން ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައި ވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުގައި އެ އިއުލާންގައި ބުނެފައި ވެއެވެ. މުސާރައިގެ އިތުރުން ހައުސިން އާއި ކާރެއްގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ގައުމުން ބޭރުގައި މަސައްކަތް ކުރާ ނަމަ، އެކަމަށް ހާއްސަ ގްރާންޓާއި ކޮންމެ އަހަރެއްގެ އެއާފެއާ ޓިކެޓް ވެސް ލިބޭނެ ކަމަށް ބުނެފައި އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަނު ކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ.

ބީއެމްއެލްގެ ސީއޯގެ މަގާމުން އިސްތިއުފާ ދެއްވި ކާލް ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގައެވެ. ކާލް އިސްތިއުފާ ދެއްވުމުން، ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.