ތަހުގީގގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިއުޓާ ޖެނެރަލް، އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕްރޮސެކިއުޓާގެ މަގާމާ މުޅިން އަލަށް ހަވާލުވެވަޑައިގެންނެވި އައްބާސް މިއަދު ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ބައްދަލުކުރައްވާފައެވެ. ފުލުހުންގެ މައި އޮފީހުގެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވަނީ ދެ ފަރާތުން ވެސް ދީފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ހަމައެހެންމެ ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ދެއްވާފައެވެ.
އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 ޕަސެންޓަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ހުށަހަޅާ މައްސަލަތައްކަން ފާހަގަކޮށް އެ އޮފީހުން ބުނީ ފުލުހުންގެ ހިދުމަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ.