ބްރިޖު އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 12:57 ހާއިރު ކަމަށާއި، މި އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވި މީހަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދިވެހި އަންހެނެކެވެ.

މީގެއިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ތިބި ދެ މީހުންގެ ވެސް ލައިސަންސް އޮތް ކަމަށާއި، މި ކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން ދާ ކަމަށެވެ.

ފަހަކަށް އައިސް ހާއްސަ ކޮށް މާލެ، ހުޅުމާލެ އަދި ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް މިވަނީ ބޮޑު ތަނުން އިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި މުޖްތަމައުއަށް ވަރުގަދަ މެސެޖެއްވެސް ދެއްވާފައެވެ.

ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއަކާއެކު އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވަނީ، އިންސާނާގެ ފުރާނައަކީ ވަރަށް އަގު ހުރި އެއްޗެއްކަމަށް ވިދާޅުވެ މަގުމަތީ ދުއްވާ އިރު ރައްކާތެރިކަން އިސްކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އަދި އަމިއްލަ އަތްތަކުން ކުރާ ނުރަނގަޅު ކަންތައް، އަލުން ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެކަން ހަނދާން ކޮށްދެއްވަމުން ރައީސް ވަނީ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަންތަން ކަމަށް ހެދުމަށް އެދިވަޑައިގެންފައެވެ.