ހެލްތް މިނިސްޓްރީގެ ހުއްދަ ނުހޯދާ ހިދުމަތްދެމުންދާތީ ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް ބަންދުކޮށްދިނުމަށް ހެލްތް މިނިސްޓްރީއިން އެދިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހެލްތް މިނިސްޓްރީގެ ހުއްދަ ނުހޯދާ ހިޖާމާ ޖެހުމުގެ ހިދުމަތް ހުޅުމާލޭފައި ދެމުންދާ ކްލިނިކެއްގެ މައްސަލަ ބަލައިދިނުމަށް މިނިސްޓްރީއިން އެދިފައިވާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހުއްދަ ނުގަގާ ހިދުމަތް ދެމުންދާތީ 2022 ވަނަ އަހަރު ވެސް ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކްއިން ހިދުމަތް ދިނުން ހުއްޓާލުމަށް ހެލްތް މިނިސްޓްރީއިން ވަނީ އެ ކްލިނިކަށް އަންގާފައެވެ.

ރަޖިސްޓްރީ ނުކޮށް ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއިން މި މަހުގެ 11 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްހީ ހިދުމަތްދޭ ތަން ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެސް ހޯދުމަށްފަހުގައި ކަމަށެވެ.

މި ގަވާއިދާ ހިލާފަށް ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް، ލައިސަންސް ނުހޯދާ ދިވެހި ބޭހުގެ ހިދުމަތާއި ހިޖާމާގެ ހިދުމަތް ދެމުންދާކަން ހެލްތް މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރަޖިސްޓްރީނުކޮށް، ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިނުމަކޯ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާމެދު ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.