މާތް ﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތި އަމަލީ މުއުމިނެއްގެ ހިތައް އުފާވެރިކަން ވައްދައިދިނުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ "އެންމެ މަންފާކުރަނިވި މީހާ" މި މައުޟޫއަށް ހާއްސަކޮށްފައި ވާއިރު، ހުތުބާގައި ބުނީ މާތް ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށެވެ.

މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިސްކިތެއްގައި ދެ މަސްދުވަހު އިއުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަހާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ބޮޑުކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ބުނީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށްވުމުން މާތް ﷲގެ ލޯބިވެވޮޑިގަންނަވާނެ ކަމަށާއި އެކަލާނގެ އުޑުތަކާއި ބިން އެ މީހާގެ ހިދުމަތުގައި ލައްވާނެ ކަމަށެވެ. އަދި އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްގުގެ ހަޒާނާތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.

މީހުންގެ ހިތްތަކަށް އުފޭވެރިކަން ގެނެސްދިނުމުގައި އެންމެ އިސްކަންދޭންޖެހޭނީ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ވަނީ ދުނިޔެއާއި އާހިރަތުގައި ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުސީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ. އަދި ދުނިޔޭގެ މުސީބާތްތަކުގެ ތެރެއިން މުސީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ގިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ފިއްލަވައިދެއްވާނެކަން ފާހަގަކޮށްފައިވެއެވެ.

މުސްލިމު އަހާގެ ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުން ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން ނުވަތަ ދަރަނި އެއްކޮށް މާފުކުރާ މީހާއަށް ގިޔާމަތްދުވަހުން މާތް ﷲ އެކަލާނގެ އަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުމުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކުގެ އިތުރުން ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މައުނަވީ ކަންތައްތައް ހިމެނޭކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.