ބާރަށް ސައިކަލު ދުއްވި މީހަކު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގާ ސައިކަލު ޖައްސާ ފިލައިގެން ދިޔަ ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މހުގެ 17 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑު ކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު ބާރު ސްޕީޑުގައި ސައިކަލުގައި ދިޔަ ފިރިހެނަކު ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެމީހާ ވަނީ ފުލުހެއްގެ ގައިގާ ސައިކަލު ޖައްސާ މަޑުނުކޮށް ފިލައިގެން ގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އހަރުގެ، ޅ. ކުރެންދޫ، މަގުމަތީގެ، އަލީ ސަމާހް މުހައްމަދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.