މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުން 0-0 އިން އެއްވަރުވެއްޖެއެވެ. ސިޓީގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި އެޓީމުން ވާދަކުރީ އިޓަލީގެ އިންޓާ މިލާންއާއެވެ. މިއީ 2023 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ކުޅުނު ދެ ޓީމެވެ. އެފަހަރު ސިޓީ ވަނީ އިންޓާ ބަލިކޮށް އެޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލާފައެވެ.

އެހެން ނަމަވެސް ރޭ މެޗުގައި އިންޓާ އިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. ސިޓީއިން މެޗުގައި ޖުމްލަ 20 ހަމަލާ އުފެއްދި ނަމަވެސް މީގެ ތެރެއިން ސީދާ ގޯލަށް އަމާޒުވެފައިވަނީ އެންމެ 5 ހަމަލާއެވެ. އަދި އިންޓާގެ ކީޕަރު ޔަން ސޯމާ ވަނީ ހުޝިޔާރު މޮޅު ސޭވްތަކެއް ވެސްކޮށްފައެވެ.

މި ސީޒަންގައި މިހާތަނަށް 9 ލަނޑު ޖަހާފައިވާ ހާލަންޑަށް ރޭ މާގިނަ ފުރުސަތުތަކެއް ނުލިބުނު/ފޮޓޯ:އެކްސް

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ވަނީ މިފަހަރަށް އަލަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ސްޕެއިންގެ ޖިރޯނާއާ ވާދަކޮށް 1-0 އިން މޮޅުވެފައެވެ.

ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗުގެ 90 ވަނަ މިނެޓާ ހަމައަށް އެޓީމުން ޕީއެސްޖީއަށް ގޯލެއް ޖެހުނަ ނުދީ ހިފެހެއްޓި ނަމަވެސް 90 ވަނަ މިނެޓްގައި ޖިރޯނާގެ ކީޕަރަށް ހެދުނު މިސްޓޭކަކުން ޕީއެސްޖީއަށް ލީޑު ލިބުނެވެ. ޕީއެސްޖީގެ ވިންގަރު ނޫނޯ މެންޑޭޒް ޖިރޯނާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ޝޮޓް ގޯލު ތެރެއަށް ވަނީ ކީޕަރު ގަޒާނިއާގެ އަތު ތެރެއިން ލާފައެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލުން ރިއާލް މެޑްރިޑް އަތުން ބަލިވި ޖާމަނީ ބްރޫޝިއާ ޑޯޓްމަންޑް ވަނީ މިފަހަރުގެ ފެށުން ވެސް ރަނގަޅުކޮށްފައެވެ. މިގޮތުން އެޓީމުން ވަނީ ރޭ ބެލްޖިއަމްގެ ކްލަބް ބްރޫޖް 3-0 އިން ބަލިކޮށްފައެވެ.