ރާއްޖެގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ހިދުމަތްތައް ދިނުމަށް އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކޮށްފިއެވެ.

މި ގޭޓް އިފްތިތާހު ކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޖަސްޓިސް ރިޓަޔާޑް އިދުރީސް އާދަމެވެ.

އެމްޕީއެލް އާއި އެސްޓީއޯ ގުޅިގެން އުތުރުގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ހިދުމަތެއް ދޭނީ އެމްޕީއެލް އިންނެވެ. އެމްޕީއެލްއިން މި ހިދުމަތް ދިނުމަށްޓަކައި މިހާރު އެކަމަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ.

މެރިޓައިމްގެ ހިދުމަތް ދޭނީ އުލިގަމުގައި ގާއިމްކޮށްފައިވާ ޕޯޓް ފެސިލިޓީ މެދުވެރިކޮށެވެ. އެގޮތުން އޭޖެންޓު ކޯލްސް ސެންޓަރަށް ގުޅުމުން ޕޯޓް ފެސިލިޓީއާ ގުޅާލެވި ބޯޓަށް ބޭނުންވާ ހިދުމަތްތައް ފޯރުކޯށްދޭނެއެވެ.

މެރިޓައިމް ހިދުމަތުގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ޕައިލޮޓޭޖް ހިދުމަާއި، ޔޮޓް ޑޮކިންގް ސާވިސްއާއި، ބޯޓު ކްރޫ ބަދަލު ކުރުމުގެ ހިދުމަތާއި، ފެނަކަ ކުންފުންޏާއި ގުޅިގެން ބޯޓުތަކަށް ފެން ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ހަމައެއާއެކު ބޯޓުތަކަށް ބޭނުންވާ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމާއި، ކުޅުދުއްފުށި ޕޯޓު މެދުވެރިކޮށް މެއިންޓެނަންސް ހިދުމަތުގެ އިތުރުން އެމްޓީސީސީ މެދުވެރިކޮށް އަޑީތެޔޮ ފަދަ ތަކެތި ފޯރުކޮށްދިނުމާއި، ވެމްކޯ މެދުވެރިވެ ބޯޓުތަކުން ކުނި އުކާލުމުގެ ހިދުމަތް ހިމެނެއެވެ.