ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 45،000 އަށް ވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ހަފުތާއެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް މުދާ ކްލިއާކުރެވުނު ރެކޯޑް އަދަދެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 45،672.31 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 43،134.25 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2،538.06 ފްރެއިޓް ޓަނުގެ މުދަލެވެ. އަދި މި މުއްދަތުގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން 1,471 ކޮންސައިންމަންޓް އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 399 ކޮންސައިންމަންޓް ވަނީ ކްލިއާކޮށްދީފައެވެ.

ކޮންޓެއިނަރުތަކުގެ ހަރަކާތްތަކަށް ބަލާއިރު، ފާއިތުވި ހަފުތާގައި 3,624 ޓީއީޔޫގެ މުދާ ބާލާފައިވާއިރު، 1,957 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. މިއާއެކު ޖުމްލަ ތްރޫޕުޓް ވަނީ 1,667 ޓީއީޔޫއަށް އަރާފައެވެ. އަދި މި މުއްދަތުގައި މާލޭ ވިޔަފާރި ބަނދަރަށް 3 ކޮންޓެއިނަރު ބޯޓު އައިސް 4 ބޯޓު ފުރާފައިވާއިރު، ޖެނެރަލް ކާގޯ އުފުލާ 5 ބޯޓު އައިސް، މުދާ ހުސްކުރުމަށްފަހު 5 ބޯޓު ވަނީ ފުރާފައެވެ.

ވޭތުވެދިޔަ އޮގަސްޓް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެންނަނީ މުދާ ކްލިއާކުރި މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ތަނެވެ. އެގޮތުން:

  • އޮގަސްޓް 2 އިން 8 އަށް: ޖުމްލަ 38،882.58 ފްރެއިޓް ޓަނު (ކޮންޓެއިނަރު ބޯޓުފަހަރުން 36،483.59 އަދި ޖެނެރަލް ކާގޯ އިން 2,398.99 ފްރެއިޓް ޓަނު)
  • އޮގަސްޓް 9 އިން 15 އަށް: ޖުމްލަ 40،275.52 ފްރެއިޓް ޓަނު (ކޮންޓެއިނަރު ބޯޓުފަހަރުން 38،088.37 އަދި ޖެނެރަލް ކާގޯ އިން 2,187.15 ފްރެއިޓް ޓަނު)
  • އޮގަސްޓް 16 އިން 22 އަށް: ޖުމްލަ 23،587.23 ފްރެއިޓް ޓަނު (ކޮންޓެއިނަރު ބޯޓުފަހަރުން 21،090.70 އަދި ޖެނެރަލް ކާގޯ އިން 2,496.53 ފްރެއިޓް ޓަނު)
  • އޮގަސްޓް 23 އިން 29 އަށް: ޖުމްލަ 30،762.98 ފްރެއިޓް ޓަނު (ކޮންޓެއިނަރު ބޯޓުފަހަރުން 28،092.93 އަދި ޖެނެރަލް ކާގޯ އިން 2,670.05 ފްރެއިޓް ޓަނު)
ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރަނީ / ފޮޓޯ: އެމްޕީއެލް

މުދާ ކްލިއާ ކުރުމުގައި ބައެއް ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް ފެންމަތިވަމުންދާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މިކަމަށް ދާއިމީ އަދި އަވަސް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މުދާ ކްލިއާ ކުރުމުގެ މަރުހަލާތައް އަވަސްކޮށް، ދިމާވާ ދަތިތައް ހައްލު ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.