ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް އިތުރު ކޮށްފައެވެ.

ޔޫތު މިނިސްޓްރީން ބުނީ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށެވެ. އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވާއިރު އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

  • ވިޔަފާރި އާއި އިގްތިސާދު
  • އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
  • ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
  • ފަންނިއްޔާތުގެ ދާއިރާ
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.