ވައިގެމަގުން ރާއްޖެއަށް ގެނައި 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ ސަމަންދަރު އަހްމަދު އަހްސަން (35އ) އެވެ.

މި މަހުގެ 16 ވަނަ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހެރޮއިން، މެތްއެމްފެޓަމިން އަދި ސިންތެޓިކް ކެތިނޯން ހިމެނޭކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އިތުރަށް ކަސްޓަމްސް އިން ވަނީ މި ތަކެތީގެ ބަރުދަން ހާމަކޮށްފައެވެ. އެ ގޮތުން އަތުލައިގަތް ތަކެތީގެ ތެރެއިން ހެރޮއިންގެ ބަރުދަނުގައި 3.05 ކިލޯގްރާމް، މެތްއެމްފެޓަމިން 315 ގްރާމް އަދި ސިނެތެޓިކް ކެތިނޯން 215 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.58 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަހްސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.