ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ މާފަންނު އަވަށުގެ ގެއެއްގައިި އުމުރުން 57 އަހަރުގެ ދިވެއްސަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11:30 ހާއިރެވެ. އެހެންވެ ވަގުތުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.

އޭރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ، މަރުވެފައިވާ މީހާ ފެނުނީ މާފަންނުގެ ގެއެއްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ކަން ހާމަކޮށްފައެވެ. އެކަމަކު އެއީ ކޮން ގެއެއްކަން ފުލުހުން ނުބުނެއެވެ.

ރޭ މަރުވެފައި އޮއްވާ ފެނުނީ އަހްމަދު ފަޔާޒް، މ. ނަލަހިޔާ މަންޒިލް / މާލެ އެވެ.

ފުލުހުން ފަހުން ފޮނުވި މެސެޖެއްގައި ބުނީ، ފަޔާޒްގެ މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންނެވެ.