އާންމުންގެ ހިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް ހެލްތް މިނިސްޓްރީން އެކުލަވާލާފައިވާ "މާހަރާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެގައި މި ޕޯޓަލް އިފްތިތާހްކޮށްދެއްވީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލްއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ޕޯޓަލްގެ އެހީގައި ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުން، އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރުމުން، ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަކީ ސިއްހީ ހިދުމަތާއިމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މުހިއްމު އަދި ބޭނުންތެރިކަމެއް ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއިއެކު ތައްޔާރުކުރި މި ޕޯޓަލްގެ މައުލޫމާތު ހިއްސާކުރުމުން ހެލްތް މިނިސްޓްރީން ބުނީ މިފަދަ ނިޒާމެއް ގާއިމްކުރެވިގެން ދިއުމަކީ ހިދުމަތް ހޯދާ ފަރާތްތަކަށާއި އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ދުވަހުގެ މި އަހަރުގެ ޝިއާރަކީ 'ބަލިމީހުންގެ ރައްކާތެރިކަމަށްޓަކައި ބަލި ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުން' އެވެ. މީގެ އިތުރުން، މި ޝިއާރުގެ ސްލޯގަން އަކީ 'ބަލިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމައަށް ބަލި ދެނެގަތުން' މިއެވެ.