ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތުގެ ފުރަތަމަ ބުރުގެ މެޗުތައް މިރޭ ފެށި އިރު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިގޮތުން، އިންގްލޭންޑްގެ ލިވަޕޫލް، ސްޕެއިންގެ ރިއާލް މެޑްރިޑް، އިޓަލީގެ ޔުވެންޓަސް އަދި ޖާމަނީގެ ބަޔާން މިއުނިކް ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެ 6 ޕޮއިންޓް ހޯދާފައެވެ.

މީގެ ތެރެއިން ބަޔާން މޮޅުވީ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރޭބްއާ ކުޅެ 9-2 އިންނެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ހެރީ ކޭން ވަނީ މިމެޗުގައި 4 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން ތިން ލަނޑަކީ ބަޔާންއަށް ލިބުނު ޕެނަލްޓީއެވެ. މި ނަތީޖާއާއެކު ބަޔާން ވެެގެން ދިޔައީ ޗެމްޕިއަންސް ލީގު މެޗެއްގައި 9 ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ.

ކޭން ވަނީ މިމެޗުގައި ޖުމްލަ 4 ގޯލު ޖަހާފައި/ފޮޓޯ: އެކްސް

މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުނު ލިވަޕޫލް މިރޭ ވަނީ ފަހަތުން އަރާ އިޓަލީގެ އޭސީ މިލާން ބަލިކޮށް މިސީޒަންގެ މުބާރާތުގެ ފެށުން ވަރުގަދަކޮށްފައެވެ. މެޗުގެ 3 ވަނަ މިނެޓްގައި މިލާންއިން ލަނޑު ޖެހި ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އަދި މެޗުގެ ތިން ވަނަ ހާފްގައި އުފެއްދި ކައުންޓާ އެޓޭކް ހަމަލާއެއްގައި މިޑްފީލްޑަރު ޑޮމިނިކް ސަބޮސްލާއީ ޖެހި ލަނޑާއެކު ލިވަޕޫލުން ނަތީޖާ ކަށަވަރު ކުރިއެވެ.

ލިވަޕޫލަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިނީ ޑިފެންޑަރު ކޮނާޓޭ/ފޮޓޯ: އެކްސް

އެނެމް ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް މިރޭ ކުޅުނީ އުނދަގޫ މެޗެކެވެ. މިގޮތުން ޖާމަނީގެ ސުޓްގާޑާާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް 0-0 އިން ނިމިގެން ދިޔައެވެ. ރިއާލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ދެވަނަ ހާފް ފެށި ތަނާހެން ރިއާލްއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އެއަށް ފަހު ސުޓްގާޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެހެން ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ރިއާލްގެ ޑިފެންޑަރު ރުޑިގާ ޖަހާ ދިން ލަނޑާއެކު ޗެމްޕިއަން ރިއާލްއަށް ހަމަޖެހުމުގެ ނޭވާއެއްލާނެ ފުރުސަތު ލިބުނެވެ. ރިއާލްއަށް މެޗުގެ ނަތީޖާ ކަށަވަރުވީ ޒުވާން ފޯވަޑް އެޑްރިކް 95 ވަނަ މިނެޓްގައި ޖަހާ ދިން ލަނޑާއެކުއެވެ.

މިއީ 18 އަހަރުގެ އެންޑްރިކް ޗެމްޕިއަންސް ލީގުގައި ޖެހި ފުރަތަމަ ގޯލު/ފޮޓޯ: އެކްސް

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރު ކުޅެނީ މުޅިން އާ ފޯމެޓަކަށެވެ. މިގޮތުން، 36 ޓީމު ހިމެނޭ މުބާރާތުގައި ކޮންމެ ޓީމަކުން 8 މެޗު ކުޅޭ އިރު އޮޓޮމެޓިކުން ދެވަނަ ބުރަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ 8 ޓީމެވެ.

ދެން 9 ވަނަ އިން 24 ވަނައާ ދެމެދު ތިބޭ ޓީމުތައް ޖެހޭ ދެ ލެގުގެ ޕްލޭ އޮފް ދެމެޗު ކުޅެގެން ގަދަ 16 އިން ޖާގަ ކަށަވަރު ކުރާށެވެ.

25 އިން ތިރީގައިވާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. އަދި މި ސީޒަންގައި މި ޓީމުތަކަށް ޔޫރަޕާ ލީގުން ވެސް ޖާގަ ނުލިބޭނެއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ދާނީ ކުރިން ވެސް ދާ ފޯމެޓަށެވެ. އަދި ދެން ހުރި މަރުހަލާތައް ވެސް ދާނީ ހަމައެހެންނެވެ.