މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގު މުބާރާތުގެ ފުރަތަމަ ބުރު ލީގު ފޯމެޓަށް ކުޅޭ އިރު މި މުބާރާތުގެ ފުރަތަމަ މެޗުތައް މިރޭ މިވަނީ ފަށާފައެވެ.

މީގެ ކުރިން މިމުބާރާތުގެ ފުރަތަމަ ބުރު ކުޅެނީ ގުރު ނަގައިގެން ޓީމުތައް ގްރޫޕްތަކަށް ބަހާ ލައިގެން ކަމަށްވާ އިރު ޔޫއެފްއާއިން މިފަހަރުގެ މުބާރާތުުގެ ފޯމެޓް ބަދަލުކުރީ މުބާރާތުގެ ކުރީ ކޮޅުވެސް ގަދަ ފަދަ ޓީމުތަކުގެ ކުރިމަތިލުންތައް ގިނަކުރުމުގެ ބޭނުމުގައެވެ.

އާ ފޯމެޓްގެ ދަށުން މުބާރާތުގެ ފުރަތަމަ ބުރު ދާނީ ލީގު ފޯމެޓްގައެވެ. މިގޮތުން މީގެ ކުރިން 32 ޓީމު ކުޅެމުން އައި މުބާރާތް 36 ޓީމުގެ މުބާރާތަކަށް ބަދަލުވެ ކޮންމެ ޓީމެއް 8 މެޗު ކުޅޭ ގޮތަށް މިވަނީ ނިންމާފައެވެ. އެއީ އަމިއްލަ ދަނޑުގައި 4 މެޗު އަދި އެހެން ޓީމުތަކުގެ ދަނޑުތަކުގައި ހަތަރު މެޗެވެ.

ރިއާލް މެޑްރިޑް ޓީމުން ޗެމްޕިއަންސް ލީގު ތަށި އުފުލާލަނީ/ފޮޓޯ: އެކްސް

ހުރިހާ މެޗެއް ކުޅެ ނިމޭ އިރު އެންމެ ގިނައިން ޕޮއިންޓް ލިބޭ 8 ޓީމެއް އޮޓޮމެޓިކް އިން ގަދަ 16 އަށް ދާނެއެވެ. ދެން 9 ވަނަ އިން 24 ވަނައާ ދެމެދު ތިބޭ ޓީމުތައް ޖެހޭ ދެ ލެގުގެ ޕްލޭ އޮފް ދެމެޗު ކުޅެގެން ގަދަ 16 އިން ޖާގަ ކަށަވަރު ކުރާށެވެ.

25 އިން ތިރީގައިވާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. އަދި މި ސީޒަންގައި މި ޓީމުތަކަށް ޔޫރަޕާ ލީގުން ވެސް ޖާގަ ނުލިބޭނެއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުތައް ދާނީ ކުރިން ވެސް ދާ ފޯމެޓަށެވެ. އަދި ދެން ހުރި މަރުހަލާތައް ވެސް ދާނީ ހަމައެހެންނެވެ.

މިރޭއާ މާދަމާ ރޭ ވާދަވެރި މެޗުތަކެއް

މިރޭގެ މިހާރު ވެސް ދެ މެޗެއް ކުޅެމުންދާ އިރު އިޓަލީގެ ޔުވެންޓަސް ދަނީ ނެދެލޭންޑްސްގެ ޕީއެސްވީ އައިންޑްހޯވަންއާ ވާދަކުރަމުންނެވެ. އަދި އިންގްލޭންޑްގެ އެސްޓަން ވިލާ މިހާރު ކުޅެމުންދަނީ ސުވިޓްޒަލޭންޑްގެ ޔަންގްބޯއިސްއާއެވެ.

މިރޭ ކުރިއަށް ހުރި މެޗުތަކަށް ބަލާ އިރު 2007 ވަނަ އަހަރާއި 2005 ވަނަ އަހަރުގެ މުބާރާތްތަކުގެ ފައިނަލްގައި ފެނިގެން ދިޔަ އިންގްލޭންޑްގެ ލިވަޕޫލާ އިޓަލީގެ އޭސީ މިލާންގެ ކުރިމަތިލުން ފާހަގަކޮށްލެވެއެވެ.

އަދި އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ކުޅޭނީ ޖާމަނީގެ ސުޓްގާޑާއެވެ.

ބުދަ ދުވަހުގެ ރޭ އޮތީ 2022 ވަނަ އަހަރުގެ މުބާރާތުުގެ ފައިނަލް މެޗުގެ ރިޕީޓެކެވެ. މިގޮތުން އިނގިރޭސި ޗެމްޕިއަން ސިޓީ ވާދަކުރާނީ އިޓަލީގެ އިންޓާ މިލާންއާއެވެ.