ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަންކުރުމަށް އޮތް މުއްދަތު ދަށްކުރުމަށް ކުންފުނީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް އެއްވެސް އުނި އިތުރެއް ނުގެނެސް މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އިސްލާހަށް ތަޅުމުގައި ބަހުސްކޮށް މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާ ވެސް ނިންމާލުމަށް ފަހު، އިސްލާހު ފާސްކުރުމަށްޓަކައި ތަޅުމަށް ހުށަހެޅީ މިއަދެވެ.

އެކަމަށްޓަކައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 85 މެންބަރުން ވެސް ވޯޓު ދިނީ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށެވެ. މިއަދުގެ ޖަލްސާގައި އެ އިސްލާހާ މެދު އިގްތިސޯދީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި ނަމަވެސް، ކޮމިޓީ ރިޕޯޓަށް އެއްވެސް މެންބަރަކު ބަހުސްކުރައްވައިފައެއް ނުވެއެވެ.

ކުންފުނީގެ ބިލަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން:

  • ކުންފުނިތަކުން ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭ ދައުވަތު ދޭން ވާނެ
  • ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭ ބާއްވަން ވާނެ
  • މީގެ އިތުރުން، ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަދުވެގެން ހަތް ދުވަސް ކުރިން ކުންފުނީގެ މެންބަރުން ނޯޓިސް ފޮނުވަން ވާނެ
  • ހަމަ އެހެންމެ ކުންފުނީގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން ނެތް ނަމަ، ނުވަތަ އެ އަދަދަށް ޑިރެކްޓަރުން ނެތްކަމަށް ކުންފުނިތަކުގެ ރެޖިސްޓްރާގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ އަދަދަށް ޑިރެކްޓަރުން އައްޔަންކުރަން ރަޖިސްޓްރާ އަންގަވައިފިނަމަ 10 ދުވަހުގެ ތެރޭ ޑިރެކްޓަރުން އައްޔަންކޮށް ރަޖިސްޓްރާ އަށް އެކަން އަންގަން ޖެހޭނެ

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްކަމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރުމަށް ފެންނަ ކަމަށް ވެސް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ދައުރުން ބޭރުން މަޖިލީހުން ކުރަން ހުރި މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވައި، އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނެ ކަމަށް އަންގަވައިފައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފަހު ދައުރުގައި ޖަލްސާތައް އޮންނާނީ އެ އަހަރެއްގެ އޮކްޓޯބަރުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.