ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ އައްބާސް އާ އިންޓަވިއުކުރުމަށް ފަހު, ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށް ނިންމައި, ތަޅުމަށް ހުށަހަޅަން ނިންމައިފައެވެ. އެހެންކަމުން މިއަދު އޮތީ އައްބާސް އަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމެވެ.
އެކަމަށްޓަކައި ރިޔާސަތުން ވޯޓަށް އެހުމުން, ވޯޓުގައި ބައިވެރިވި 85 މެންބަރުން ވެސް ވޯޓު ދިނީ އައްބާސް ޕްރޮސެކިއުޓަރު ޖެނެރަލްކަމަށް އައްޔަންކުރަން ފެންނަ ކަމަށެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން, ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަގާމުން އިސްތިއުފާދެއްވާތާ ނުވަތަ ބޭފުޅަކު މަގާމުން ވަކިކުރާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ވާނެއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ, ރައްޔިތުންގެ މަޖިލީހުން ވަނީ އޭނާ ވަކިކުރަން އެ ދުވަހުގެރޭ ފާސްކޮށްފައެވެ. ޝަމީމްގެ އިތުރުން ތިން ބޭފުޅަކު ރާއްޖޭގެ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވެއެވެ. އެއީ:
- އަހްމަދު މުއިއްޒު (ސެޕްޓެމްބަރު 4, 2008 – ނޮވެމްބަރު 25, 2013)
- މުހުތާޒް މުހުސިން (ޖުލައި 23, 2014 – ނޮވެމްބަރު 11, 2015)
- އައިޝަތު ބިސާމް (ނޮވެމްބަރު 24, 2015 – ނޮވެމްބަރު 28, 2019)
މި ތިން ބޭފުޅުންގެ ތެރެއިން މުހުތާޒު ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.
މިވަގުތު ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމް ފުރުއްވަމުން ގެންދަވާ އައްބާސް ވަނީ 2011 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. އައްބާސް މަތީ ތައުލީމް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިންނެވެ. ހަމަ އެއާއެކު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫންއަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަން ވެސް އޭނާ ކުރެއްވިއެވެ.