މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ދައުރުގެ 10 މެންބަރުންގެ މުއްދަތު ޑިސެމްބަރު 14، 2024 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، "މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވުމާއެކު އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މީގެ އިތުރުން

  • މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މީގެ އިތުރުން މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަނޅު މީހެއް ކަމުގައިވުން ހިމެނެއެވެ. އަދި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ކަމުގެ މުއްދަތަކީ ދެ އަހަރުކަމުގައިވާއިރު އެއްވެސް މެންބަރަކަށް، ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮނޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ.