ގަވާއިދާއި ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި މާލޭ ޒޯނުގައި ރަޖިސްޓްރީނުކޮށް މާލޭގައި ދުއްވަމުންދާ އުޅަނދުތައް ގަވާއިދަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ރަޖިސްޓްރީ ނުކޮށް އަދި އޭ ޒޯން ނޫން އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ބޭނުންކުރަމުންގެންދާ އުޅަނދުތައް ގަވާއިދަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭސިޓީގެ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހަމުންދާކަމަށެވެ.

އަދި ސްޓިކާގައި ބުނެފައިވާ ސުންގަޑީގެ ކުރިން އެ އުޅަނދުތައް ކަނޑައެޅިފައިވާ ސަރަހައްދަށް ގެނެސްދިނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން ހުޅުމާލޭގައި އެކަމަށް ކަނޑައަޅާފައި ވަނީ ހުޅުމާލޭ ލޮޓް ނަންބަރު 452 އެވެ.

މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކޮށް ބޭނުންކުރާ އުޅަނދުތައް ގިނަވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކުރިންވެސް ހާމަކޮށްފައެވެ. އަދި މިފަދަ އުޅުނދުތަކުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައްވެސް ދާދި ފަހުން ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގާ ޕާކް ކޮށްފައި އިން ސައިކަލެއްގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.