މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ނެގި 10،000 އަށްވުރ ގިނަ ރުފިޔާ ފުލުހުން އަނބުރާ ހޯދައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހު، މީހެއްގެ ވައިބާ އާއި ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ އަތުލި ކަމުގެ ރިޕޯޓު އެ އިދާރާއަށް ހުށަހަޅި ކަމަށެވެ.

އަދި އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން 6 ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް އަނުބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ ޖުމްލަ 10700 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އެކި ވިޔަފާރިތަކާއި ކުންފުނިތަކާ އަދި ތަފާތު އެކި ނަންނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަށް މިހާރަކަށް އައިސް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

އެހެންކަމުން މިފަދަ މަކަރާއި ހީލަތުގެ މިފަދަ ކޯލުތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި، އޮންލައިންކޮށް ތަކެތި ގަންނަ އިރުވެސް އެ ވިޔަފާރި ކުރެވެނީ ރަނގަޅު ބައެއްގެ އަތުންތޯ ކަށަވަރު ކުރުމަށާ އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެކިކަހަލަ މައްސަލަތަކުން ރައްކާތެރިވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.