ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ބުނީ މި އެއްބަސްވުމުގެ ބޭނުމަކީ ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުން ފޯރުކޮށްދީ، ފައިދާހުރި ބައެއްގެ ގޮތުގައި މުޖުތަމައާ ގުޅުވައިދިނުން ކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތައް މުޖުތަމައާ ގުޅުވައިދިނުމުގެ އިންތިޒާމްތައް ނ.އަތޮޅުގައި ގާއިމްކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތްތައް ގާއިމްކުރުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް ހޯމް މިނިސްޓްރީން ބުނީ މި އެއްބަސްވުމާއެކު މުޖުތަމައަށް އަނބުރާ ނުކުތުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭކަން ދެފަރާތުން ކަށަވަރުކުރުން ކަމަށެވެ.

ނ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ އެމްއޯޔޫ އަދި އެސްއޯޕީގައި ސޮއިކުރުމަށްފަހު ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންޑީއޭގެ ބޯޑުގެ ފަސްވަނަ ބައްދަލުވުމުން ނިންމަވާފަވާއިރު ނ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަ ހުރި މިންވަރު ދެނެގަތުމާއި، މަސްތުވާތަކެތިން ރައްކާތެރިކުރުމާއި އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް ދޭން އެންމެ އެކަށީގެންވާ ފަރުވާގެ ބާވަތްތައް ދެނެގަތުމަށް މައުލޫމާތުތައް ނީޑް އެންޑް ރެޑިނަސް އެސެސްމަންޓްގެ ޒަރީއާއިން އެއްކުރަންޖެހޭ ގޮތަށްވެސް ވަނީ ނިންމަވާފައެވެ.

މި މަސައްކަތުގެ ތެރެއިން ދެފަރާތުގެ މަސްއޫލިޔަތާއި ދައުރު ހިމެނޭ ކަންކަމުގެ ތެރޭގައި ޕްރޮގްރާމް ފެށުމަށް ހެދޭ ނީޑްސް އެންޑް ރެޑިނަސް އެސެސްމަންޓްތަކުގެ ނަތީޖާތަކަށް ބިނާކޮށް ނ. އަތޮޅުގެ އެކި ރަށްތަކަށް ފަރުމާކުރެވިފައިވާ ހިދުމަތްތައް އެކުލަވާލާ އަދި 6 މަސް ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއް ކަނޑައެޅޭ ރަށެއްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަހުރި ފަރާތްތަކުން ފަރުވާގެ ހަދުމަތަށް (އެޕްލިކޭޝަން، ރެޖިސްޓްރޭޝަން، އެސެސްމަންޓް އަދި އެހެނިހެން) ހުށައަޅާނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަރުވާ ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ސިއްހީ (ޖިސްމާނީ އަދި ނަފްސާނީ) އެހީތެރިކަން އެއިދާރާއެއްގައި ހުރި ހިދުމަތް ދިނުމުގެ ގާބިލުކަމަށް ރިއާޔަތްކޮށް ފޯރުކޮށްދެންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމްގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާނެ ޓީމެއް އެކުލަވާލާ ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭންވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ މުޖުތަމައުއަށް ފައިދާކޮށްދޭ ބައެއްގެ ގޮތުގައި ގުޅުވައިދޭންވާނެއެވެ. އަދި ޕްރޮގްރާމް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ އެކަމުގެ ހައްލުހޯދުމަށް ދެފަރާތުންވެސް ކަމާއިބެހޭ ފަރާތްތަކާއެކު މަސައްކަތްކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފައިދާއާއި އަސަރު ވަޒަންކުރުމަށްޓަކައި މޮނިޓަރިން އެންޑް އިވެލުއޭޝަން ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒުކުރަންވާނެކަމަށް ބުނެފައިވާއިރު ހިދުމަތުގެ މަގްސަދުތައް ހާސިލްކޮށްދީ، ރަނގަޅުވަމުން އަންނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރަމުންދާކަން ކަށަވަރުކުރުމަށް ގަވާއިދުން މޮނިޓަރިން އަދި އިވެލުއޭޝަން ހަރަކާތްތައް ހިންގަންވާނެކަމަށް ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތައް ދިނުމުގެ މަސައްކަތް ކަނޑައަޅާ އުސޫލެއްގެ މަތިން ބެލަހައްޓަންޖެހޭއިރު މި ޕްރޮގްރާމްގެ މޮނިޓަރިން އަދި އިވެލުއޭޝަންގެ އެންމެހާ ކަންތައްތައް ކުރާނީ ނޭޝަނަލް ޑްރަގް އޭޖެންސީންނެވެ.