ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓުގައި މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގައި ހިމެނޭ 2 މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ގ. ރަނައުރާގޭއާގެ އުމުރުން 39 އަހަރުގެ ރިމާނާ މޫސާ އަދި ގ. އޯލްޕެރިސް އުމުރުން 44 އަހަރުގެ އަހުމަދު މިހާދުގެ މައްޗަށެވެ.

މި މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި ލިޔެކިޔުންތައް އެ އޮފީހުން ބަލައިގެންފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ކޯޓު އަމުރުގައި ބުނީ މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ތަހުގީގު ބަޔާން، ސޯކޯ ރިޕޯޓް، ސީސީޓީވީ ފުޓޭޖްގެ ސްނެޕް ޝޮޓްތަކާއި އަދި ބޭންކް ސްޓޭޓްމެންޓް ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަން އެ އަމުރުގައި ފާހަގަކޯށްފައިވެއެވެ.