ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ޖަހަންގިރް އާލަމްއެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުރި ޖުމްލަ 442،750 ދިވެހި ރުފިޔާ ޖަހަންގިރު ނަގާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.

އެއާއެކު އެ މައްސަަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުން އާންމުވަމުންދާ މި ދުވަސްވަރު އެފަދަ ކުށް ކުރާ މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރުވެސް ދަނީ ފުލުހުން އާންމު ކުރަމުންނެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަތުމުގައި އަންހެން، ފިރިހެން ދެ ޖިންސުގެ މީހުންވެސް ބައިވެރިވަމުންދެއެވެ.