ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ، ގދ، ޏ، އަދި ސ ގައި ހިމެނޭ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ޖިންސީ ގޯނާގެ ޝިކާރައަށް ވީ ފަރާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވުމުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ހާމަކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް 1341 މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާއިރު އޭގެތެރެއިން 589 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލައެވެ.

ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައެވެ. ފާހަގަކޮށްލެވ ގޮތުގައި ރާއްޖޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވާ މީހުން ދަނީ އިތުރުވަމުންނެވެ.