ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި އުތުރު ބަނދަރު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، އެރަށު ޑެއިޒީ ފެހި މުހައްމަދު ހަސަން (36އ.) އެވެ.

އަދި އެ ދުވަހު އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު ފުލުހުން މިއަދު ބުނީ އޭނާގެ ޕޯސްޓަމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ޕޯސްޓްމޯޓަމް ހަދަން ގެންދަނީ ކޮން ގައުމެއް ކަމެއް އަދި ކޮން ތާރީހަކު ކަމެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ އިދާރާއިން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 10 ވަނަ ދުވަހު ވަނީ ނ. ހޮޅުދޫއިންވެސް ޒަހަމްތަކަކާއެކު އަންހެނެއްގެ ހަށިގަނޑު ފެނިފައެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސް، އިތުރު ތަހުލީލިތައް ކުރުމަށްފަހު އަނބުރާ ހޮޅުދޫއަށް ގެންގޮސް ވަޅުލާފައިވާއިރު އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް އެ މައްސަލައިގައިވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.