ސައިކަލެއްގެ މަޑި ދަށުން 400،000 އަށް ވުރެ ގިނަ ރުފިޔާ ނެގި ބިދޭސީއެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އިއްޔެ ހިނގި މި ހާދިސާ އާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މީހެއްގެ ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުރި 442،750 ދިވެހި ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތު އުމުރުން 45 އަހަރުގެ ޖަހަންގިރް އާލަމްގެ މައްޗަށް ކުރެވޭ ކަމަށެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރް އެކަމަށް އިންކާރު ކުރި ނަމަވެސް އޭނާ އެކަން ކުރި ކަމަށް ބެލެވޭ ހެކި ހުރި ކަމަށް އެ އަމުރުގައި ވެއެވެ. އޭގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނެ އެވެ.

އެއާއެކު އެ މައްސަަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މާލެ ސަރަހައްދުގައި ވައްކަމާއި ފޭރުން އާންމުވަމުންދާ މި ދުވަސްވަރު އެފަދަ ކުށް ކުރާ މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރުވެސް ދަނީ ފުލުހުން އާންމު ކުރަމުންނެވެ. އަދި މިފަދަ ކުށްތަކަށް އަރައިގަތުމުގައި އަންހެން، ފިރިހެން ދެ ޖިންސުގެ މީހުންވެސް ބައިވެރިވަމުންދެއެވެ.