ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގދ. ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދި ކަމަށް ބުނެ ފަތުރަމުން ދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ފެން ޕްލާންޓް ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ގަވައިދާ އެއްގޮތަށް ކަމަށެވެ. އެ ގޮތުން އެ ކުންފުނިން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ކްރިޓިކަލް ހާލަތެއްގައި 7 ރަށެއް އޮތް ކަން ފެނަކައިން ފާހަގަކުރެއެވެ. އޭގެތެރެއިން ތިނަދޫ އަކީ އެންމެ ބޮޑު އާބާދީއެއް އޮތް ރަށް ކަަމަށާއި އާބާދީގެ ޑިމާންޑާ އެއަވަރަށް ފެން ފޯރުކޮށް ދިނުމުގައި އެންމެ ބޮޑު ދަތި ކަމެއް ކުރިމަތރިވެފައި ވަނީ ވެސް އެ ރަށަށް ކަަމަށް ފެނަކައިން ބުނެއެވެ.
އެ ރަށުގައި މިހާރު ހިދުމަތް ދެމުންދާ ފެން ޕްލާންޓުން އެކަނި ހިދުމަތް ދޭން ޖެހުމުގެ ސަބަބުން ހިދުމަތް މެދުކެނޑި ފާއިތުވި 2 މަސްތެރޭ 3 ފަހަރެއްގެ މަތިން އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހިފައިވާ ކަަމަށް ވެސް ފެނަކައިން ބުނެއެވެ. އެގޮތުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ތިނަދޫ ސިޓީއަށް ޖުމްލަ 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށް ދޭން ޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މިއާއެކު އެރަށުގެ މި މައްސަލައަށް ހައްލު ހޯދުމަށް ވީ އެންމެ އަވަހަކަށް މަސައްކަތް ކުރުމުގެ ގޮތުން ފެން ޕްލާންޓް ހޯދުމަށް އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއަށް ހުށަހެޅި ކަމަށް ވެސް ފެނަކައިން ބުނެއެވެ. އެ ގޮތުން އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ އެކަމަށް 5 ހަފްތާ (35 ދުވަސް) ހޭދަވާނެ ކަމަށާއި ސްޓެލްކޯއިން ބުނެފައި ވަނީ 180 ދުވަސް ހޭދަވާނެ ކަމަށް ފެނަކައިން ބުނެއެވެ.
އެއަށްފަހު އެ ކުންފުނީގެ ވެންޑަރުންގެ ތެރެއިން އަމިއްލަ ގޮތުން މި ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް ރިކުއެސްޓް ފޮނުވި ކަމަށާއި ދެ ފަހަރު މި ފުރުސަތު ދިނުމުން ވެސް ކޯޓޭޝަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށް ފެނަކައިން ބުނެއެވެ. އަދި އެ ފަރާތުން ހުށަހަޅާފައިވާ އަގާ މެދު މަޝްވަރާކޮށް އެ އަގުވެސް ކުޑަކޮށްފައިވާ ކަަމަށް ފެނަކައިން ބުނެއެވެ.
ތިނަދޫ ސިޓީއަށް ހޯދި ފެން ޕްލާންޓް ހޯދާފައި ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެ ތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ކަމަށް ފެނަކައިން ބުނެއެވެ. އަދި އެ ފެން ޕްލާންޓް ތިނަދޫ ސިޓީގައި އިންސްޓޯލް ކުރެވުމުން 600 ޓަނުގެ ފެން އުފެއްދޭނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ، އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސިޔާސީ ފަރާތްތަކުން ރަށުތެރޭގައި ހަލަބޮލިކަން އުފެއްދުމަށާއި، ހިދުމަތަށް ބުރޫ އަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ވެސް ފެނަަކައިން ބުނެއެވެ.
ފެނަކައިން މިފަދަ ބަޔާނެއް ނެރުނު އިރު، އެޗްކިއު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީގެން ފެނަކައިން ފެން ޕްލާންޓް ގަނެފައި ވަނީ، 5 ހަފްތާ ހޭދަވި ނަމަވެސް އެމްޑަބްލިއުއެސްސީން ހުށަހެޅި 7 މިލިއަން ރުފިޔާ އަށް ވުރެ 6 މިލިއަން ރުފިޔާ ބޮޑުކޮށް ޖުމްލަ 13.6 މިލިއަން ރުފިޔާ އަށެވެ.