ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި އަންހެނަކު ހިފަހައްޓައިގެން އުޅެ ފުލުހުންނަށް އެއްބާރުލުން ނުދިން މައްސަލައިގައި ދެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވާއި އަދި ރޯ އަޑު އިވޭތީ އެތަނަށް ފުލުހުން ދިޔަ ކަމަށެވެ. ފުލުހުން ގޮސް އެޕާޓްމަންޓްގެ ދޮރު ހުޅުވަން އެދުމުން ފިރިހެނަކު ދޮރު ހުޅުވުމަށް ފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕާ ތަޅުލިކަމަށް ފުލުހުން ބުނެއެވެ.

އަނެއްކާ ވެސް އަންހެނަކު ސަލާމަތަށް އެދި ހަޅޭއްލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެނގުމުން ވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެ އެޕާޓްމަންޓަށް ވަދެ އަންހެން މީހާ ސަލާމަތް ކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ، އަހުމަދު އުވައިސް، ހ. ލާމިޔާ އާއި އުމުރުން 39 އަހަރުގެ، މުހައްމަދު މުމީތު، މއ. ތްރީމޫންސް އެވެ.

މި މައްސަލައިގައި އެ އަންހެން މީހާ އަކީ ކާކުކަމެއް އަދި ހަޅޭއްލެވީ ކީއްވެގެން ކަމެއް ބުނެފައި ނުވާ އިރު އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެވެ.