ހުޅުމާލޭގައި ލައިސަންސް ނެތި ސައްހަ ނޫން ނަންބަރު ޕްލޭޓަކާއެކު ބާރު ސްޕީޑުގައި ކާރު ދުއްވި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ އެމީހާ ހިފަހައްޓާފައި ވަނީ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވީސީޕީގައި ހަރަކާތްތެރި ވަމުން ދިޔަ އިރު ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވައި ބެލި އިރު ކަމަށެވެ. އެ ކާރަކީ ސީ ޒޯން އަށް ރަޖިސްޓާ ކޮށްފައިވާ ކާރެއް ކަމަށާއި ކާރު ދުއްވި މީހާ އަކީ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ލައިސަންސް ނެތި ކާރު ދުއްވުމާއި އަދި ސައްހަ ނޫން ނަންބަރު ޕްލޭޓް ކާރުގައި ހަރުކޮށްފައި ވާތީ ފުލުހުން ވަނީ ރޭ އެ ކާރު ޓޯ ކުރަން އުޅެފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުންނަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ އެމީހާ ވަނީ ކާރުން ނުފައިބާން ކާރު ލޮކްކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެމީހާ ވަނީ ރޭ ބާރުގެ ބޭނުން ކޮށްގެން ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހައްޔަރު ކޮށްފައި ވަނީ، އުމުރުން 38 އަހަރުގެ، ހަސަން ދައީދު، ރ. އަލިފުށި، ސިތުރާއެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.