އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. އަލިފުށި ހަބީބީހެޕް އުމުރުން 39 އަހަރުގެ އިސްމާއީލް ސާއިފްއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި އިސްމާއީލް ސާއިފް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އަންހެން މީހާގެ އަތުން އޭނާ ފޭރިފައި ވަނީ ސައިކަލެއްގައި ދަމުން ކަމަށާއި އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ފޭރުނު ވޮލެޓާއި ފޯނު ހޯދާފައިވާ ކަމަށާއި އޭނާ ދުއްވި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.