ހުޅުމާލެ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ އަވައްޓެރި ފުލުހުން މިރޭ ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މި މައުލޫމާތު ސެޝަންގައި ރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވާ ކަމަށެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދުދީފައިވާ ކަމަށާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން ޖޭއެްމސީ ސައިޓުގައި އެވަގުތު ތިބި ގިނަ އަދަދެއްގެ ބިދޭސީންނަށް މައުލޫމާތު ދީފައި ވެއެވެ. މައުލޫމާތު ދީފައި ވަނީ، އެ ސައިޓުގައި އާންމުކޮށް އެ ބިދޭސީން ވާހަކަ ދައްކާ ބަސްކަމުގައިވާ ހިންދީ ބަހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންނެވެ.