ރޭ މާލޭގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދަނިކޮށް ފުލުހެއްގެ ގައިގައި ޖެހުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، އާދަމް ޒިދާން (23އ) އެވެ.

ފުލުހުން ބުނީ ރޭ 1:20 ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވަމުން ދިޔަ މީހަކު މަޑުކުރަން ފުލުހުންގެ ޗެކްޕޮއިންޓްއިން އިޝާރަތްކުރި ނަމަވެސް އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލު މަޑުނުކޮށް ދާން އުޅުނު ކަމަށެވެ.

ފުލުހުންގެ އަމުރާ ހިލާފަށް ޒިދާން ސައިކަލުން ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު އިރު ފުލުހުން ބުނީ އެ ފުލުސް މީހާއަށް މާ ބޮޑު އަނިޔާއެއް ނުވާކަމަށެވެ.

އެ މައްސަލައިގައި ޒިދާންގެ ސައިކަލު ޓޯކޮށްފައިވާއިރު އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.