މިދިޔަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ބިލުކުރެވިފައިވާއިރު މީގެ ތެރެއިން 1.1 ބިލިއަން، ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުން އާސަންދައަށް ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށް، ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަަކަށް ބަލާއިރު އާސަންދައަށް ބަޖެޓުން ދޭ މާލީ އެހީތެރިކަން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ޖުމުލަ 2.8 ބިލިއަން ރުފިޔާ ބިލުކުރެވިފައިވެއެވެ. މީގެ ތެރެއިން 998 މިލިއަން ހޭދަކުރެވިފައިވަނީ ބޭހާއި ކޮންސިއުމަބަލްސްގެ ގޮތުގައި ބޭސްފިހާރަތަކަށެވެ. އަދި ޕްރައިވެޓް މަރުކަޒުތަކުން އާސަންދައަށް 2 ބިލިއަން ބިލްކޮށްފައިވާއިރު 2023 ގައި މި އަދަދު ވަނީ 2.3 ބިލިއަނަށް އަރާފައެވެ. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އާސަންދައިގެ ނިޒާމަށް ކުރާ ހަރަދު އެވްރެޖްކޮށް 65 ޕަސެންޓް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަސަންދައިގެ މުޅި ނިޒާމަށް ކުރާ ހަރަދުގެ 35 އިންސައްތައަކީ ފާމަސީތަކުން ދޫކުރާ ބޭހާއި ކޮންސިއުމަބަލްސް އަށް ކުރާ ހަރަދުކަމަށެވެ. އެގޮތުން ރާއްޖޭގައި ވިއްކާ ބޭހުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ހުރި އެވްރެޖް އަގުތަކާއި އަޅާބަލާއިރު 15 ގުނަ ބޮޑުކަން ފާހަގަކޮށްފައިވާއިރު މިސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު މި އަދަދު 70 ގުނަ ބޮޑުކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ބޭހުގެ އަގަށް އެދެވޭ ބަދަލެއް އަންނާނެފަދަ ނިންމުމެއް ނިންމާފައިވާއިރު ޔޫއެންޑީޕީގެ އެހީއާއި އެކު ބަލްކް ޕްރޮކިއުމެންޓް އުސޫލުން ބޭސް ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމުން ބޭހުގެ އަގު މިހާރު ހުރިވަރަށް ވުރެ ބޮޑުތަން ކުޑަވެގެންދާނެކަމަށެވެ. އެހެންކަމުން މިއީ ކުރިމަގުގައި އާސަންދައިން ބޭހަށް ކުރާ ހޭދައިން ލިބޭނެ ލުޔެއްކަމުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި އިމްޕޯޓްކޮށް ވިއްކަމުންދާ ޑޮކްޓަރީ ބޭހުގެ ވިޔަފާރިން ނަގާ ފައިދާ އެތައް ގުނައެއް މައްޗަށް ގޮސްފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސެންޓުން ފެށިގެން 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ.