މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް ބޭރުފައިސާ ވިއްކާ ކާޝިބޯޓް ސުވެނިޔާގެ ވިޔަފާރައިގެ ހުއްދަ ބާތިލްކޮށްފިއެވެ.
މާލެ ސިޓީ ފުލުހުންގެ އިންޓެލިޖެންސް އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މާލޭގައި ސެޕްޓެމްބަރު މަހު ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މި އޮޕަރޭޝަނުގައި މިހާތަނަށް ގަވައިދާ ހިލާފަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމްއެމްއޭ އިން ހުއްދަ ނުނަގައި ގަވައިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔާ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔާ ފިހާރަށްއަށް ގޮސް ފުލުހުން ބެލި ބެލުމުން އެ ތަނަކީ ގަވައިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކާ ތަނެއްކަން ފާހަގަވެފައިވާ ކަމަށާއި އެއާއެކު އެ ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ވަނީ މި މަހުގެ 3 ވަނަ ދުވަހު “ޓްރާންސްފާ މޯލްޑިވްސް” ގެ ނަމުގައި ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއްވެސް ހުއްޓުވާ ނޯޓިސް ހަރުކޮށްފައެވެ.
މީގެއިތުރުން މި މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ ރެއިޑެއްގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. އިމިގްރޭޝަނުން ބުނީ މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑުވެސް ފެނިފައިވާ ކަމަށެވެ.