މާލެއިން 32 އަހަރުގެ ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ޢާލިޔާ / ހއ.ދިއްދޫ، އާދަމް އިކްރާމް (32އ) ކަމަށެވެ.

ފުލުހުން ބުނީ އާދަމް އިކްރާމް، 2026 ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ވެފައި ނުވާކަމަށާއި، އޭނާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.

އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި އޭނާ ފެނިފައިނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.