ހުސްވެފައިވާ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަ ނަންފުޅެއް ފޮނުއްވައިފިއެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް އޮފީހުން ހުޅުވާލި މުއްދަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެ ބޭފުޅުންގެ ތަފްސީލެއް ނުދެއްވައެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވައިފައެވެ. އޭނާ 'ދަ ޕްރެސް' އަށް އެކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަމީމް އިސްތިއުާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ޖަލްސާއެއް ބާއްވައި އޭނާ މަގާމުން ވަކިކޮށްފައެވެ. ޖަލްސާ ހިނގަމުން ދިޔަ ވަގުތު ޝަމީމް އަމިއްލަ އީމެއިލް މެދުވެރިކޮށް އިސްތިއުފާ ހުށަހެޅުއްވި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ އޭރު ސުވާލުކުރުމުން ބުނެފައިވެއެވެ.

އެއާއެކު ރައީސް އޮފީހުން ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލައިފައެވެ.

އެއާއެކު މި މުއްދަތުގައި ހުށަހެޅި ނަންތަކުގެ ތެރެއިން މަޖިލީހަށް ފޮނުއްވި ނަންތައް ކަމާބެހޭ ކޮމިޓީއަށް ފޮނުވުން މިރޭ ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާގައި އޮންނާނެއެވެ. މީގެ އިތުރުން މިރޭގެ ޖަލްސާގައި ކުންފުނީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ވެސް ތައާރަފްކުރާނެ ކަމަށް، އެޖެންޑާގައި ވެއެވެ.