އާ ޕްރޮސެކިއުޓަރު ޖެނެރަލަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތައް ބަލައިގަތުމަށް ދައުރުގެ ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި ހަފްތާގެ ބުދަ ދުވަހުގެރޭ އޮންނާނެ ކަން، ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހާމަކޮށްފިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު 'ދަ ޕްރެސް' އަށް ވިދާޅުވީ، ބުދަ ދުވަހުގެރޭ ދައުރުގެ ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ކަމަށާއި، ދެވަނަ ޖަލްސާ ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށެވެ.

"އެނގިވަޑައިގަންވާނެ، ޕީޖީއަކު އައްޔަންކުރަން ޖެހޭނެ ވަކިކުރާތާ އެއް މަސް ތެރޭ، އެހެންވީމާ އެ އެއް މަސް ހަމަވުމުގެ ކުރިން އެ ޖަލްސާވެސް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އާ ސުވާލުކުރުމުން ވިދާޅުވީ، ބުދަ ދުވަހުގެރެއަށް މަޖިލީހުގެ ޖަލްސާއެއް އަދި އެޖެންޑާނުކުރާ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން، ޕްރޮސެކިއުޓަރު ޖެނެރަލް މަގާމުން ވަކިކުރާތާ ނުވަތަ އެ މަގާމުގައި ހުންނަވާ ބޭފުޅަކު އިސްތިއުފާދެއްވާތާ 30 ދުވަހުގެ ތެރޭ އާ ބޭފުޅަކު އެ މަގާމަށް އައްޔަންކުރަންވާނެއެވެ. ވުމާއެކު ޕްރޮސެކިއުޓަރު ޖެނެރަލް ކަމަށް އައްޔަންކުރަން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު މި މަހުގެ 21 ވަނަ ދުވަހު ހަމަވާނެއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަމީމް އިސްތިއުާދެއްވުމާ ގުޅިގެންނެވެ. އެކަމަކު ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ ޖަލްސާއެއް ބާއްވައި އޭނާ މަގާމުން ވަކިކޮށްފައެވެ. ޖަލްސާ ހިނގަމުން ދިޔަ ވަގުތު ޝަމީމް އަމިއްލަ އީމެއިލް މެދުވެރިކޮށް އިސްތިއުފާ ހުށަހެޅުއްވި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ އޭރު ސުވާލުކުރުމުން ބުނެފައިވެއެވެ.

އެއާއެކު ރައީސް އޮފީހުން ވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، މި ހަފްތާގެ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލައިފައެވެ.