މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 3 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 291 އުޅަނދެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފުވި 77 އުޅަނދަކަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 8، 9 އަދި 10 ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައ ހިންގި އޮޕަރޭޝަންތަކުގައި ވަނީ ޖުމްލަ 251 ސައިކަލާއި 40 ކާރު ބަލައިފާސްކޮށްފައެވެ.

މި އުޅަނދުތަކުގެ ތެރެއިން 72 ސައިކަލާއި 5 ކާރަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ނުރައްކާތެރިކޮށް ދުއްވި 9 އުޅަނދެއް ފުލުހުން ހުއްޓުވާފައިވެއެވެ.

މީގެއިތުރުން ފާއިތުވި 3 ދުވަސް ތެރޭގައި މާލެއިން 19 ސައިކަލަކާއި 3 ކާރު ޓޯކޮށްފައި ވާއިރު، ހުޅުމާލެއިން ވަނީ 14 ސައިކަލަކާއި 3 ކާރު ޓޯކޮށްފައެވެ. އަދި ނަސޭހަތް ދިނުމަށްފަހު 47 އުޅަނދެއް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ލައިސެންސް ނެތި ދުއްވި 23 އުޅަނދެއް ހުއްޓުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.