ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ދަންވަރު ރޭސިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހުގެ މަރާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. ސަމާހުގެ މަރާ ގުޅިގެން އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ އާއިލާއަށް ހިތްދަތިކަން ލިބުމުގެ އިތުރުން ފުލުހުންގެ ތަހުގީގަށްވެސް ހުރަސް އެޅޭނެ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުން ވަނީ މިކަމާ ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް އެއްވެސް ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް އެދިފައެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ވަނީ ހައްޔަރު ކޮށްފައެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 23 އަހަރުގެ، ލ. އިސްދޫއަށް އުފަން ޕްރިޒަންސް ލާންސްކޯޕްރަލް އަހްމަދު ސަމާހުއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޒުވާނެއްގެ ގައިގައި މީގެ ކުރިން ޖެހުނު ހާދިސާއެއްގެ ތަހުގީގު މިހާރުވެސް ހިނގަމުން އެބަދެއެވެ. އެ ހާދިސާގައި ހިމެނޭ 3 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.