އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ފެންމަތިވެ އެ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިއަދު ވަނީ އެފަދަ ވީޑިއޯތަކެއް ދައުރުވެފައެވެ. ވީޑީއޯ ޕޯސްޓު ކުރި ފަރާތުން ބުނި ގޮތުގައި މި އަމަލު ހިންގާފައި ވަނީ ރަޝިއާ ފަތުރުވެރިންތަކެކެވެ.
ރަސްދޫގެ މަގުތަކާއި އާންމު ތަންތަނުގައި މި މަންޒަރުތައް ނަގާފައިވާއިރު ބައެއް ވީޑިއޯގައި ބުރުގާ އަޅައިގެން އުޅޭ މަންޒަރުވެސް ފެނިގެންދެއެވެ. މި އަމަލުތައް ހިންގާފައި ވަނީ އަންހެން ފަތުރުވެރިންތަކެކެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެފަދަ އެއްވެސް ޝަކުވާއެއް ފުލުހުންނަށް މިހާތަނަށް ލިބިފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ފަތުރުވެރިން އިޖްތިމާއީ މިންގަނޑާ ހިލާފަށް އުޅޭ މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުމާއި މަގުތައް މަތީ ބޭއަދަބީ އަމަލުތައް ހިންގާ ވާހަކަތަކަކީ ދިވެހީންގެ ކަންބޮޑުވުން ހުރި ކަންކަން ފާހަގަކޮށްލެވެއެވެ.