ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން ކޮމިއުނިކޭޝަން އޮތޯރިޓީ ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ.

ނަމަވެސް މިއަދު އެ އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލު ކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ކޭމްގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއާ ގުޅޭގޮތުން ތިރީގައިވާ މަސައްކަތްތައް ކުރުމާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޓެލެކޮމިއުނިކޭޝަނާއި ރޭޑިއޯ ކޮމިއުނިކޭޝަންގެ ކަންކަން ރެގިއުލޭޓުކުރުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ތަރައްގީ ކުރުމަށް ހިތްވަރުދީ، ޓެލެކޮމިއުނިކޭޝަންގެ ސިނާއަތު ކުރިއެރުވުމަކީ ވެސް ކޭމްގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި، ހަމަހަމަ އަދި ވާދަވެރި ވެށްޓެއް ގާއިމުކޮށް ކުރިއަރުވުމާއި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ހިނގާ ވިޔަފާރީގެ ވާދަވެރިކަމާ ދެކޮޅު ކަންތައްތައް ހުއްޓުވުމުގެ އިތުރުން ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، ކަމާގުޅޭ އެނޫންވެސް ކަންކަން ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

ކޭމް ހިންގުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާ ކަމަށްވާ ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލު ކޮށްފައި ވަނީ މީގެ 10 މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެ އޮތޯރިޓީގެ ހިންގުން މިވަނީ ހޯމް މިނިސްޓްރީގެ ދަށަށް ރައީސް ބަދަލު ކުރައްވާފައެވެ.