މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން މީޑިއާތަކަށް ބޭސިކް އޭއައި ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއަދު އުރީދޫގެ ހެޑްކުއާޓާގައި ހެނދުނު 10:00 އިން 12:00 އަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި އޭއައި ބޭނުންކުރާނެ ތަފާތު ގޮތްތަކާއި ޑެވެލޮޕް ކޮށްފައިވާގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އުރީދޫ އިން ބުނީ މިއީ ޑިޖިޓަލް މޯލްޑިވްސްގެ 10 އަހަރު ފުރުން ފާހަގަކުރުމުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އުރީދޫގެ އިނިޝިއޭޓިވް އެއް ކަމަށްވާ ޑިޖިޓަލް މޯލްޑިވްސްގެ ދަށުންނެވެ. އުރީދޫއިން ބުނީ މި ސެޝަންގައި މީޑިއާގައި އޭއައި ބޭނުންކުރާނެ ގޮތާއި، އޭއައިގެ އެތިކްސްއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ.

އުރީދޫ އިން މީޑިއާތަކަށް ބޭއްވި އޭއައި ޓްރެއިނިންގެ ތެރެއިން / ފޮޓޯ: އުރީދޫ

މި ސެޝަންގައި އުރީދޫ އިން އުފައްދާފައިވާ އޭއައި ޗެޓް ބޮޓްވެސް ވަނީ ދައްކާލާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާންމުންނާ ހަމައަށް ގެނެސްދޭން ހާއްސަ ކަލަންޑަރެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ކަލަންޑަރަކީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

މި ކަލަންޑަރުގައި "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާއެއް ހިމެނެއެވެ. މިއަދުގެ ސެޝަންގައި މިފަދަ ބައެއް ކެރެކްޓާތަކުގެ ޗެޓް ލޮގް ވަނީ ދައްކާލާފައެވެ. އުރީދޫގެ މި އޭއައި ޗެޓް ބޮޓް މެދުވެރިކޮށް މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއެވެ.

މި ސެޝަންގައި މި އޭއައި ޗެޓް ބޮޓް ތައްޔާރުކުރުމުގައި ބަލާފައިވާ ކަންކަމާއި ކުރެވިފައިވާ މަސައްކަތާއި ގުޅޭގޮތުންވެސް މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ.