އަށް މަސް ދުވަހު ސަސްޕެންޝަންގައި ހުންނެވުމަށް ފަހު ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަލްޝާ އާއި ޝިއުނާ އިސްތިއުފާ ދެއްވިކަން ޔޫތު މިނިސްޓްރީގެ އިސް ބޭފުޅަކު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ކުޑައިމީސްކޮށް މީސްމީޑިއާގައި ޕޯސްޓްކުރި މައްސަލައިގައި ޝިއުނާ އާއި މަލްޝާގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދު ސަސްޕެންޑުކުރީ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގައެވެ. އެ ތިން ބޭފުޅުން ކުރެއްވި ޕޯސްޓާ ގުޅިގެން ތިން ބޭފުޅުންނަށާއި ސަރުކާރަށް އިންޑިއާގެ ރައްޔިތުންނާއި ދިވެހީންގެ ފަރާތުން ފާޑުކިއުން އަމާޒުވިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި ތިން ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައިވަނީ މަގާމުގެ މުސާރަ ލިބޭ ގޮތަށެވެ. އެއާއެކު މީސްމީޑިއާގައި ތިން ބޭފުޅުންގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

މިކަމާ ގުޅިގެން އޭރު ނެރުނު ކުރު ބަޔާނެއްގައި ސަރުކާރުން ބުނީ، އެ ތިން ބޭފުޅުންގެ ހިޔާލުތަކަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށާއި އެފަދަ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.