4 ފުރޮޅުލީ އުޅަނދު ޕާކުކުރަން ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ ހުސް ބިން ދޭން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ބިމެއް ހާއްސަކުރީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ކަމަށެވެ. މި ސަރަހައްދު ބޭނުން ކުރުމަށް މި ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން މިހާރު ދަނީ އެ ބިން ސާފުކޮށް ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޕާކިން އަށް ހާއްސަ ކުރި މި ބިމަކީ 90،000 އަކަފޫޓުގެ ބިމެކެވެ. މި ބިމުގައި 50،000 އަކަފޫޓު ޕާކިން އަށް ހާއްސަ ކުރަން ނިންމާފައިވާއިރު، ބާކީ އިން 40،000 އަކަފޫޓުގެ ބިން ހާއްސަ ކުރަނީ ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކޮށްފައި ބެހެއްޓުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދާ ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން އެޗްޑީސީ އިން ވަނީ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ ބިމުގައި ޕާކު ކުރެވޭނެ ގޮތް ހަދަނީ ހުޅުމާލޭގައި ޕާކިން އިމާރާތްތައް އެޅެންދެން ކަމަށެވެ.