ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހިންނާ ހާލިދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެ މިނިސްޓްރީން ވަނީ ހިމްނާ އިސްތިއުފާ ދެއްވިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން ހިންނާ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމުން، އެންވަޔަރަމަންޓް މިނިސްޓްރީއަށް ބަދަލުކޮށްފައި ވެއެވެ. އެކަމަކު ހިންނާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަން ކަށަވަރުވާ ގޮތެއް ނުވިއެވެ.

ހިންނާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހު އައްޔަންކުރީ އެ މަގާމް ފުރުއްވަމުން ގެންދެވި އަބްދުއްރަހްމާން ސަލާހު ރަޝީދު ޖެނުއަރީ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީގެ ކުރިން ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމާއި މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ފުރުއްވި ހިންނާ ވަނީ ބައެއް ކޮލެޖުތަކުގައި ލެކްޗަރާކަން ވެސް ކުރައްވައިފައެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.