ހުޅުމާލެ ފޭސް 1 ގެ ޕޮލިސް ސްޓޭޝަންއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރުއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތުގެ ދޮރުގެ ލައިޓް ތަޅާލި މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭ ފަތިހު 4:15 ހާއިރު ކަމަށެވެ.

ޒައިދާންއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ފުލުހުން އޭނާގެ ސައިކަލު ޓޯ ކުރުމުން، ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަންއަށް ހާޒިރުވި މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 1 ރަބަރު ޕެކެޓް އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ފެނިފައިވާ ކަމަށެވެ. އަދި ޒައިދާން ޕޮލިސް ސްޓޭޝަންއަށް ގެއްލުންދިން މައްސަލައިގެ އިތުރުން މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.