ޒަހަމްތަކަކާއެކު ހެންވޭރު ގެސްޓްހައުސްއެއްގެ ތެރޭގައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހަކު ހަބަރެއް ނުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ގޮސް އެ ކޮޓަރިއަށް ވަދެ ބެލިއިރު ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިހާރު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ހާދިސާ ހިނގި ގެސްޓްހައުސްގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.