އުތުރު ތިލަފަޅުގައި ތަރައްގީކުރާ 200 ހެކްޓަރުގެ އެގްރިކަލްޗަ އިކޮނޮމިކް ޒޯންގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން ދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމިލާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރަމިލާ ވިދާޅުވީ، މި މަޝްރޫއު އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނިމި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫއުކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމަށް އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މިމަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ދެފޭސްއަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފޭސްގެ، 100 ހެކްޓަރުގެ ކުރާނީ މުޅިންވެސް ގްރީންހައުސްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ގޮތުން އެގްރިކަލްޗާ ޒޯނުގެ ފުރަތަމަ ފިޔަވަހީގައި ގްރީން ހައުސްތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ގްރީން ހައުސްގައި ހެއްދޭ ބާވަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ އަނެއް 100 ހެކްޓަރުގައި މައިގަނޑުގޮތެއްގައި ހައްދާނީ ބިމަށް ފައިބާގޮތަށް ހުންނަ ބާވަތްތަކާ ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ ބާވަތްތައް ކަމަށްވެސް މިނިސްޓްރު ވިދާޅުވިއެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ބިމު އަޑިއަށް ފައިބާ ބާވަތްތަކުގެ ތެރެއިން ފިޔާ، އަލުވި ފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ ބާވަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ކުކުޅު އާލާކޮށް ރާއްޖެއަށް ކުކުޅު ބިސް އެތެރެކުރުން އެއްކޮށް ހުއްޓާލެވޭނެ ފެންވަރުގެ ޕޯލްޓްރީ ފާމެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.