ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް މުރާޖާ ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، އެ ބަދަލުތައް ގެނަސްފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތް ކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅާ ފޯމުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
ވޯކްސައިޓު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމަށް ގެނައި ބަދަލާއެކު، ފޯމާއެކު ލިޔެކިޔުންތަކެއް ހުށަހަޅަން މިހާރު ވަނީ ލާޒިމުކޮށްފަ އެވެ. އެ ލިޔުން ތަކަކީ:
- ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކްސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް (ކޮންސްޓަރަކްޝަން) ނުވަތަ؛
- ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކްސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް ނުވަތަ؛
- ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވޯކްސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު ނުވަތަ؛
- ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވޯކްސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރު ނުވަތަ؛
- އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވޯކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިގުރާރުއެވެ.
ވޯކްސައިޓް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ވޯކްސައިޓް ޑިކްލަރޭޝަން ފޯމަށް ގެނައި ބަދަލާއެކު، އެ ފޯމު ހުށަހަޅަން ޖެހޭނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހު އެވެ. އަދި ހަމައެހެންމެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ "ރެޕްރެޒެންޓޭޓިވް" އާ ގުޅޭ ފޯމަށް ގެނައި ބަދަލާއެކު، އެ ފޯމުތައް ވެސް ހުށަހަޅަން ޖެހޭނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހު އެވެ.
އެހެން ކަމުން މި މަހުގެ 16 އިން ފެށިގެން އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، އެ ފަރާތުގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުޢާމަލާތްކުރުމަށް "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރުމަށް ނުވަތަ ވަކިކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ބަދަލު ގެނައި ފޯމުތައް އެކްސްޕެޓް ސިސްޓަމްގެ ހޯމް ޕޭޖުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ 1500 އަށް ގުޅާ އަދި އީމެއިލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.