ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ޑޮލަރު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުން އިތުރުވެފައި ވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ވަނީ ޑޮލަރު ވިއްކާކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކަށް ފަހަކަށް އައިސް އިތުރުވެފައި ވާކަން ސަމާލުކަމަށް އައިސްފައި ވާކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި އިތުބާރު ހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ވުމުން ސަލާމަތް ވާން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ދާދިފަހުން އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ 5 ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައެވެ. އިމިގްރޭޝަނުން ބުނީ މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑުވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށްވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއްވެސް ގާއިމް ކޮށްފައެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށާއި ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ލަފާއާއެކު ހުރިހާ މުއައްސަސާތަކުން މަލްޓި އެޖެންސީ އެޕްރޯޗެއްގައި ކުރީގެ ވިސްނުން ދޫކޮށް އާގޮތަކަށް މަސައްކަތް ފަށާފައިވާކަން ހާމަކޮށް ފުލުހުން ވަނީ ކޮންމެ އަތޮޅެއްގައި ސްކޭމް ކަންތައްތަކާ ބެހޭ ހާއްސަ އޮފިސަރެއް ހަރަކާތްތެރިވަމުންދާނެ ކަމަށް ބުނެފައެވެ.